އެމްޓީސީސީގެ ތާރީހީ ކާމިޔާބު – އާޒިމްގެ ޝުކުރު މުވައްޒަފުންނަށް!

ސަރުކާރުގެ ކުންފުނިތަކަށް ގޮންޖެހުން ބޮޑު

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކަކީ ފައިދާ ބޮޑު ކުންފުނިތަކެއްގެ ގޮތުގައި ހިންގުމަކީ ފަސޭހަކެއް ނޫނެވެ. ސަރުކާރުން ވިޔަފާރި ކުންފުނިތައް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ހުއި އަގެއްގައި މުދަލާއި ހިދުމަތް ފޯރުކޮށްދިނުމެވެ. އަދި ދައުލަތުގެ އާމްދަނީ ބޮޑުކުރުމެވެ. މި ދެ މަޤްޞަދު ހާސިލުކުރުމަކީ އޭގައި ގިނަ މަސައްކަތްތަކެއް އެކުލެވިގެންވާ މަސައްކަތެކެވެ. އެހެންކަމުން އަބަދުވެސް މިފަދަ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިއްބަވާ ބޭފުޅުނަށް މިއީ ބޮޑު ގޮންޖެހުމެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާމެދު ރައްޔިތުންގެ އުއްމީދުވެސް ބޮޑެވެއެވެ. ރައްޔިތުންގެ އުއްމީދަކީ ލުއި ފަސޭހަ ކަމާއެކު ރައްޔިތުންނަށް ކުންފުނިތަކުން ހިދުމަތް ލިބުމުގެ އިތުރުން، ކުންފުނީގެ ފައިދާ ބޮޑުވުމެވެ. އާއްމު ހިއްސާދާރުންގެ އުންމީދަކީ ވެސް އެއީއެވެ. އެހެނަސް، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން އެކި ދުވަސްވަރުގައި ހުންނަނީ އެކިވަރަށެވެ. މައިގަނޑު ގޮތެއްގައި ކުންފުނިތަކުގެ ހިނގުން ބަރޯސާވެފައި އޮންނަނީ އެ ކުންފުންޏެއް ހިންގުމާއި ހަވާލުވެ ހުންނަވާ މެނޭޖިންގ ޑައިރެކްޓަރު ނުވަތަ ޗީފް އެގްޒެކިއުޓިވް އޮފިސަރު (ސީއީއޯ) އަށެވެ.

ހިންގުންތެރިކަމުން މަޝްހޫރުކަން

އާދަމް އާޒިމް އާއްމުންގެ މެދުގައި މަޝްހޫރުކަން ހޯދާފައި ވަނީ، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ)ގެ މެނޭޖިންގ ޑައިރެކްޓަރެއްގެ ގޮތުގައި، އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކުންނެވެ. 2013 ވަނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު އާދަމް އާޒިމް އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު، އެސްޓީއޯ އަކީ އަމިއްލަ ހާލައިގެން އުޅެވޭ ކުންފުންޏެއް ނޫނެވެ. އެ ކުންފުނީގެ މާލީ ހާލަތު ގޯސްވެ، 19.7 މިލިއަން ރުފިޔާއިން ކުންފުނި އޮތީ ދަރަނިވެފައެވެ. ކުންފުނީގެ ހިންގުމުގެ ހަރަދު ހުރީ އިންތިހާއަށް މަތީގައެވެ.

އާޒިމް އެސްޓީއޯ އާއި ހަވާލުވެވަޑައިގެން ކުންފުނީގެ ހިންގުމަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިން ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ކުންފުނި ހިންގުން މެދުކަނޑާލެވި، އަމިއްލަ ފާމައްޗަށް ތެދުވެވިފައިވާ ކުންފުންޏަކަށް ވަނީ ހެދިފައެވެ. މިއީ އާޒިމް އާއްމުންގެ މެދުގައި ވިދާލި މަސައްކަތެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި އާދަމް އާޒިމްގެ ބޭބޭފުޅު، ކާނަލް ރިޓެޔަރޑް މުހައްމަދު ނާޒިމް ނުހައްޤުން ޖަލަށް ގެންދެވި، ހިންގުނު އަނިޔާވެރިކަމާއި ދެކޮޅަށް ނިކުމެވަޑައިގެންނެވީ އޭރު ހުންނެވި މަޤާމް ދޫކޮށްލައްވާފައެވެ. އޭގެ ފަހުން، އޭރުގެ އިދިކޮޅު ފަރާތްތަކާއެކު އަނިޔާއާއި ދެކޮޅަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އަދި އެ މަސައްކަތްޕުޅުތަކުގެ ތެރެއިން ޖަލަށްލެވި، ހުރަގޭގައި ވެސް ދުވަސްތަކެއް ހޭދަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކާއެކު ކުރެއްވި މަސައްކަތްޕުޅުތަކާއެކު 2018 ވަނަ އަހަރުގެ އިންތިހާބު އޭރުގެ އިދިކޮޅު އިއްތިހާދަށް ކާމިޔާބުވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރެއްވުމާއެކު، އާޒިމް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)ގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް އައްޔަންކުރެވުނެވެ. އެގޮތުން އަހަރަކަށް ވުރެ ގިނަ ދުވަހު އެމަޤާމުގައި ހުންނަވާ، ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނެވިއެވެ. އެގޮތުން އެތެރޭގެ ހިންގުމުގެ ހަރަދުތައް ކުޑަކުރެވި، ކުންފުނިން ދެމުންދިޔަ ހިދުމަތްތައް އިތުރަށް ތަރައްޤީކުރެއްވިއެވެ. ބަންދުކުރި ފެން އުފެއްދުމުގެ ހަރަދު ކުޑަކުރެއްވިއެވެ. ކުންފުނީގެ މާލީ ހާލަތަށް ކުރިއެރުންތަކެއް ގެނެވުނެވެ.

ކުއްލި ބަދަލެއް

ސަރުކާރުން ހިންގުމަށް ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތައް މަޑުޖެހިފައިވާކަމުގެ ޝަކުވާތައް ރައްޔިތުންގެ މެދުގައި ގިނަވެފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ އުމްރާނީ އެންމެ ގިނަ މަޝްރޫޢުތައް ހިންގަމުންދާ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި މޯލްޑިވްސް ޓްރާންޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެވުނެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުންފުންޏާއި ހަވާލުވެވަޑައިގެން، ފުރަތަމަ ހަފްތާގައި ވެސް ކުންފުނީގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާ، މަޝްރޫޢުތަކުގެ ދުވެލި ބާރުކުރެއްވިތައް ފެނިގެންދިޔައެވެ.

އެމްޓީސީސީގެ ތާރީހީ ކާމިޔާބު

އެމްޓީސީސީގެ ހިސާބުތައް ދައްކާގޮތުން ކުންފުނީގެ ތާރީޚުގައި ވޭތުވެދިޔަ ކުއާޓަރ އަކީ ތާރީޚީ ކުއާޓާރެކެވެ. އާއްމުގޮތެއްގައި ކުންފުނީގެ ހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ކުއާޓާރގައި ކުންފުނީގެ ފައިދާ ކުޑަވެއެވެ. އެހެނަސް މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ކުންފުންޏަށް ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 29.61 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާއިރު، އާޒިމްގެ ހިންގުމާއި ހަވާލުވެވަޑައިގެން މިވީ ދުވަސްތަކުގެ ތެރޭގައި އެހާލަތު ރަނގަޅުކުރައްވާ، ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާރ އާއި އަޅާކިޔާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓާރ ގައި 310 އިންސައްތައިގެ ކުރިއެރުމެއް އެމްޓީސީސީ ވަނީ ހޯދާފައެވެ.

ކުންފުނީގެ ހާލަތު ރަނގަޅުވާން މެދުވެރިވެފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުންފުނީގެ ހިންގުމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން، ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކުރެއްވުން ހިމެނެއެވެ. އަދި ކުންފުނިން ކާމިޔާބު ކަމާއެކު ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދެވިފައި ހުރުން ފާހަގަކުރެވެއެވެ. އާޒިމް އެމްޓީސީ އާއި ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުން ހިންގަމުންދާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ބޮޑު ހަލުވި ކަމެއް އައިސްފައިވާކަން ގިނަ ބަޔަކު ދަނީ ފާހަގަކުރެވެމުންނެވެ.

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ހާލަތައް ވެސް އެމްޓީސީސީ ވަނީ ތައްޔާރުވެފައެވެ. އެގޮތުން މިހާލަތުން އަރައިގަނެވެންދެން ކުންފުނި ހިންގާނެ ގޮތުގެ ޕްލޭނާއި، މިހާލަތުން އަރައިގަނެ ކުންފުނީގެ ވިޔަފާރި ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް ރޭވި މިހާރު ދަނީ ތަންފީޒުކުރުމަށް ތައްޔާރުވަމުންނެވެ. މިދަނޑިވަޅުގައި ސިއްހީ ކުއްލި ހާލަތުގެ ކަންކަމަށްވެސް ކުންފުނިން ދަނީ އެކިވަރުގެ އެހީތެރިކަން ވަމުންނެވެ.

“ގްރައުންޑް ޒީރޯ”

އެމްޓީސީސީ ހިންގުމައި އާދަމް އާޒިމް ހަވާލުވެވަޑައިގަތުމަށް ފަހު، އާޒިމް ފެނިގެން ގޮސްފައި ވަނީ ވަރަށް އެކްޓިވް އެމްޑީއެއްގެ ގޮތުގައެވެ. މިއީ މީގެ ކުރިންވެސް އާދަމް އާޒިމް އެހެނިހެން ކުންފުނިތައް ހިންގުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއިރު ވެސް ފެނުނު މަންޒަރެކެވެ. ކޮންމެ މަސައްކަތެއް ވެސް ކައިރިން ބައްލަވައެވެ. އެގޮތުން އެމްޓީސީސީ އާއި ހަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، އެކުންފުނިން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކައިރިން ބައްލަވައެވެ. އަދި މަސައްކަތް ހިންގަމުންދާ ސަރަހައްދުތަކަށް ވަރަށް ގިނައިން ވަޑައިގެން މުވައްޒަފުންނަށް ހިތްވަރު ދެއްވައެވެ. އެމަނިކުފާނު ކުންފުނީގެ ހުރިހާ ހިސާބެއްގައި ހުންނަވައެވެ. “ގްރައުންޑް ޒީރޯ”ގައި ވެސް ހުންނަވައެވެ.

“ރައްޔިތުންނަށް ހަޤީޤީ މިނިވަންކަން ލިބޭނީ މާލީ މިނިވަންކަން ލިބިގެން. ހަމައެގޮތަށް ކުންފުންޏެއް ކުންފުންޏެއްގެ ގޮތުގައި ކުރިއަށް ދެވޭނީ މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މިނިވަންވެގެން.” އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ ޝުކުރު މުވައްޒަފުންނަށް

ކުންފުނީގެ ވެރިންގެ އެކަނި މަސައްކަތަކުން އެއްވެސް ކުންފުންޏެއް ކުރިއަކަށް ނުދާނެއެވެ. ކުންފުނީގެ ކުރިއެރުމުގައި ވެސް އަދި ފަހަތަށް ދިއުމުގައި ވެސް ކުންފުނީގައި ޝާމިލުވާ އެންމެގެން ހިއްސާ އޮންނާނެއެވެ. އެމްޓީސީސީގެ މިތާރީހީ ކާމިޔާ އާދަމް އާޒިމް ޓްވިޓަރގައި ބަޔާންކުރައްވާ ވިދާޅުވީ، ތަފާތު ވާހަކަފުޅެކެވެ. ކުންފުނީގެ މިކާމިޔާބީގެ ހުރިހާ ޝުކުރެއް ރައްދުކުރެއްވީ ކުންފުނީގެ ހިވާގި މުވައްޒަފުންނަށެވެ. އެމުވައްޒަފުންގެ ހިތްވަރާއި މަސައްކަތްޕުޅާއި ޝައުގުވެރިކަމަށް އާޒިމް ޝުކުރު އަދާކުރެއްވިއެވެ.

އާޒިމް އަކީ ވިޔަފާރީގެ ތޫނުފިލި ވިސްނުމާއެކު، މަޑުމައިތިރި، ރިވެތި އަޚުލާގެއްގެ ވެރިއެކެވެ. އެމްޓީސީސީގެ މުވައްޒަފުންނާއި އާޒިމް އަށް ކުންފުންޏަށް ލިބެމުންދާ ކާމިޔާބަށް މަރުހަބާ ދަންނަވަމެވެ. ކުރިއޮތް މުސްތަޤުބަލުގައި ވެސް ކާމިޔާބަށް އެދެމެވެ.

Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޚިޔާލުތައް